ބަދިގެ ސިންކު ގަތުމުގެ ކުރިން ބަލަންވީ ކަންތައްތައް


Tue, May 29, 2018 9:30 AM


ބަދިގޭގެ މަސައްކަތުގެ އެންމެ މުހިއްމު އެކައްޗަކީ ސިންކެވެ. ސަބަބަކީ، ކެއްކުމަށް ތައްޔާރުކުރުމާއި، ކެއްކުމަށް ފަހު ތެލިތަށި ސާފުކުރުމުގެ އެންމެ މުހިއްމު ދައުރު އަދާކުރާ އެއްޗަކީ ސިންކް ކަމަށް ވާތީ އެވެ. އެހެންވީމާ ބަދިގޭ ސިންކްގެ ވައްތަރާއި ބާވަތް އިހްތިޔާރުކުރުމަކީ، ބަދިގެ ފަރުމާކުރުމުގައި ކަނޑައަޅަންޖެހޭ މުހިއްމު  ނިންމުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި ހިޔާރުކުރާ ފަރުމާއެއްގެ ސަބަބުން ލިބެނީ ފަސޭހައެއް ނަމަވިޔަސް، ނުވަތަ ދައްޗެއް ނަމަވިޔަސް، އެކަން އަހަރުތަކަކަށް ދެމިއޮތުމުގެ ފުރުސަތުވެސް ބޮޑެވެ. އެހެނީ، އާއްމުގޮތެއްގައި ބަދިގޭ ސިންކަކީ މާއަވަހަށް ބަދަލުކޮށް އާކުރާ އެއްޗަކަށް ނުވާތީއެވެ.

 

އެހެންވީމާ، ބަދިގޭ ސިންކެއް ގަތުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

ސިންކުގެ ފުންމިން

ތަފާތު ފުންމިނުގެ ސިންކު ހުރެއެވެ. ފުންވީ ވަރަކަށް ގިނަ އެއްޗެހި އެޅޭތީ، އެއީ ފަސޭހައެއް ކަމުގައި ބެލިދާނެއެވެ. ނަމަވެސް ސިންކުގެ ފުންމިން ހިޔާރުކުރާއިރު މީހާގެ އިސްކޮޅަށް ވިސްނުން މުހިންމެވެ. އެހެންނޫނީ ސިންކު ބޭނުންކުރާއިރު ގުދުވެލަން ނުވަތަ ތިރިވެލަން ޖެހޭނެއެވެ. އިސްކޮޅު 4 ފޫޓާއި 5 ފޫޓް ހުންނަ މީހުނަށް 8 އިންޗި ފުން ސިންކެއް ބޭނުންކުރަން ފަސޭހަވާނެއެވެ. ބާޒާރުގައި ލިބެންހުންނަ ސިންކުގެ ފުންމިން 6 އިންޗިން ފެށިގެން 12 އިންޗިއާ ދެމެދުގައި ހުރެއެވެ. ބޭނުންކުރަން ފަސޭހަ ފުންމިނެއް ގަތުމުގެ ކުރިން ކަނޑައަޅާށެވެ.

ސައިޒް

ސިންކްގެ މިން ކަނޑައެޅުމުގައި ބަދިގޭގެ ބޮޑުމިނާއި، ބަދިގެ ބޭނުންކުރާ މިންވަރު ފަދަ ބައެއް ކަންކަމަށް ނަޒަރު ބަހައްޓަން ވާނެއެވެ. މިސާލަކަށް ބޮޑު ސިންކެއް ހިޔާރު ކުރާނަމަ، ޔަގީނުންވެސް ސިންކުގެ ބޭނުން ކުރަން ފަސޭހަވާނެއެވެ. ގިނަ ތަށި އެއްފަހަރާ ދޮވެލެވޭނެ އެވެ. އެކަމަކު ކައުންޓަރ ޓޮޕާއި ކެބިނެޓުން ވެސް ޖާގަ ގެއްލޭތީ، މިއީ ޖާގަ ކުޑަ ބަދިގެއަކަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ވަތް

ސިންކުން ކުރަން ޖެހޭ ބޭނުމަށް ބަލާއިރު ސިންކުގެ ވަތުގެ އަދަދަކީ ވެސް މުހިއްމު ދައުރެއް ކުޅޭ ކަމެކެވެ. ތަކެތި ދޮވެފައި ފެން ހިއްކާލަން ބަހައްޓާ އިތުރު ބައެއް ސިންކުގައި ހުރުމުން މަސައްކަތް ފަސޭހަވެ، އަވަސްވާނެއެވެ. މިއީ ޖާގަ ކުޑަ ބަދިގެއަކަށް ރަނގަޅު ހައްލެކެވެ. ނަމަވެސް ގިނަވަތް ހުންނަ ސިންކުގެ ޖާގަ ކުޑަ ވާނެއެވެ. ތެލި ތަވާ ފަދަ ތަކެތި ގިނައިން ދޮންނަ ބަދިގެއަކަށް މިކަހަލަ ސިންކެއް ރަނގަޅެއް ނުވާނެއެވެ.

 

ބޮޑު އާއިލާއެއް ދިރިއުޅޭ ގެއެއްގައި ނަމަ، އަދި ބަދިގޭގެ ޖާގަ ތަންދޭނަމަ، ވަކިން 2 ސިންކު ބަހައްޓާށެވެ.  އެއް ސިންކު ކެއްކުމުގެ ކުރިން ދޮންނަންޖެހޭ އެއްޗެހި ދޮވުމަށެވެ. އަނެއް ސިންކު ކައްކައި ނިމާފައި ތަކެތި ދޮވުމަށެވެ.

ސިންކް މެޓީރިއަލް

ސްޓެއިންލެސް ސްޓީލް

އެންމެ އާއްމު ވައްތަރަކީ ސްޓެއިންލެސް ސްޓީލް ސިންކެވެ. މީގެ ތަފާތު ޑިޒައިން އާއި ކުލަ ބާޒާރުން ފަސޭހައިން ލިބެން ހުރެއެވެ. ސްޓެއިންލެސް ސްޓީލް ސިންކް ސާފުކުރަން ފަސޭހަ ވާނެއެވެ. އަދި އުމުރު ދިގެވެ.

ކޮމްޕޮސިޓް ގްރެނިޓް

މިއީ ބަލައިލަން ރީތި އަދި އުމުރު ދިގު މެޓީރިއަލް އެކެވެ. ސްޓެއިންލެސް ސްޓީލް ސިންކާ ހިލާފަށް މި ސިންކުގައި ފެން ހިކުމުން ފާހަގަވާ މާކްތަކެއް ނުފެންނާނެއެވެ. އަދި ސިންކުގައި އެޅޭ ކޫރުން ފެންނަލެއް ކުޑަވާނެއެވެ. މިއީ ގިނަ ދުވަހު ބޭނުންކުރެވޭ ސިންކެއް ނަމަވެސް، ގެންގުޅުމުގައި ފަރުވާތެރި ނުވެއްޖެނަމަ ރެނދުލާނެއެވެ. އާއްމުކޮށް ރެނދުލާން ދިމާވަނީ އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އަލާލުން ކުޑަވެގެންނެވެ. އެހެންވީމާ ސިންކު ގަތުމުގެ މިކަމަށް ސަމާލުވާށެވެ.

އެކްރިލިކް

މިއީ ޕްލާސްޓިކާއި ފައިބަރގްލާސް ބޭނުންކޮށްގެން ތައްޔާރުކުރާ ސިންކެކެވެ. އާއްމުގޮތެއްގައި މިއީ ލުއި އަދި އަގުހެޔޮ އުފެއްދުމެކެވެ. ސާފުކޮށްލަން ފަސޭހަ ވާނެއެވެ. ނަމަވެސް ކޫރުން އެޅި ހަލާކުވުން އަވަސްވާނެއެވެ. އަދި ހޫނަށް ހަލާކުވުން ފަސޭހަ އެވެ.

ލޮއި

ލޮއި ސިންކްގައި ދަބަރެއް ނުޖަހާނެ އެވެ. އަދި ރީތިވާނެއެވެ. ނަމަވެސް މި ސިންކު ސާފުކުރުމަށް ބާރުގަދަ ކެމިކަލް ބޭނުން ކޮށްފިނަމަ ވަރަށް އަވަހަށް ހަލާކުވާނެއެވެ.

ސިންކު ހަރުކުރާ ގޮތްތައް

ފާމްހައުސް ސިންކް

މިއީ ތަންކޮޅެއް ކުރީގެ ސްޓައިލެކެވެ. އެކަމަކު ބޮޑު ސިންކެއް ބޭނުންވާނަމަ މިއީ ރަނގަޅު ހައްލެކެވެ. ސިންކު ހަރުކޮށްފައި ހުންނާނީ ކެބިނެޓްގެ ބޭރު އަރިމަތިން ފެށިގެންނެވެ. އާއްމުގޮތެއްގައި މިވައްތަރުގެ ސިންކު ބަހައްޓަނީ ތިރި ކެބިނެޓެއްގެ މަތީގައެވެ. އެހެންނޫނީ ވަކިން ފުރޭމް ހަދާފައި ހަރުކުރަނީއެވެ.

ދަށުން ހަރުކުރާ ސިންކް

މިއީ ކެބިނެޓްގެ ދަށުން ހަރުކުރާ ސިންކެވެ. ކެބިނެޓްގެ މަތިން ސިންކުގެ މައްޗާ އެއްވަރަށް ކަނޑާލާފައި، ކެބިނެޓްގެ ދަށުގައި ސިންކު ތަތްކުރަނީ އެވެ. ނުވަތަ ފަތިއަޅައިގެން ހަރުކުރަނި އެވެ. ބަރު ސިންކެއް ނަމަ ވަރުގަދައަށް ހަރުކުރުމަށް ލަކުޑި ފްރޭމެއް ހަދައެވެ.

މަތިން ހަރުކުރާ ސިންކް

އެންމެ އާއްމުކޮށް ބޭނުން ކުރާ އަދި އެންމެ އަގުހެޔޮ ވައްތަރަކީ މިއެވެ. މި ވައްތަރުގެ ސިންކް ހަރުކުރަނީ ކެބިނެޓްގެ މަތިން ސިންކް ފެތޭވަތުގެ ޖާގައެއް ކަނޑައިގެން ނެވެ. ސިންކުގެ މަތީ ދާރަ ހުންނާނީ ބޭރަށް ލަނބާލައި ކެބިނެޓްގެ މަތީގައި އެޅޭ ގޮތަށެވެ. ސިންކު ސާފުކުރާއިރު މި ދާރަ ރަނގަޅަށް ސާފުކުރަން ވާނެއެވެ. ނޫނީ ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ބޮޑެވެ.

ސިންކު ބަހައްޓަންވާ އުސްމިން

ތަޅުމުން ފެށިގެން 36 އިންޗިއަކީ އާއްމުކޮށް ސިންކު ބަހައްޓާ އުސްމިނެކެވެ. އަދި މިއީ ބަދިގެ ފަރުނީޗަރ ތައްޔާރުކުރުމުގައި ގެންގުޅޭ ސްޓޭންޑަރޑް މިނެކެވެ. މިއީ އެވްރެޖް އިސްކޮޅު (5 ފޫޓް 3 އިންޗިން  5 ފޫޓް 8 އިންޗި އަށް) ހުންނަ މީހުނަށް ފަސޭހަ އުސްމިނެކެވެ.

 

3 ފޫޓު އުސްމިނުގައި ހުންނަ ސިންކު ބޭނުންކުރަން ގިނަ މީހުނަށް ފަސޭހަ ވިޔަސް، އެވްރެޖް އިސްކޮޅަށް ވުރެ ކުރު ނުވަތަ ދިގު މީހުންނަށް މި އުސްމިން ފަސޭހައެއް ނުވާނެ އެވެ. ފަސޭހަ ވާނީ އެމީހެއްގެ އިސްކޮޅާ ގުޅޭ އުސްމިނެއްގައި ސިންކު ހުރީމައެވެ. އަތުގެ އުޅަނބުށިން ފެށިގެން 2 އިންޗި ތިރި އަކީ ސިންކް ބަހައްޓަން ރަނގަޅު އުސްމިނެކެވެ. ސިންކް ހަރުކުރާއިރު މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

Read more of our articles