Sun, Apr 8, 2018 11:41 AM
ޖާގަ ކުޑަ އެހެނަސް ތަނަވަސް ފާހާނާއެއް ހަދާލެވިދާނެ އެވެ. ތަނުގެ ކުލައާއި އަލި ބޭނުންކުރާ ގޮތާއި، ތަރުތީބު ކުރުން ފަދަ ކަންކަމަށް ވިސްނައިގެން ފާހާނާގެ ތާށިކަން ކުޑަކުރެވިދާނެއެވެ. މިފަދަ ފާހާނާއެއް ހަދާއިރު ވިސްނަން ޖެހޭ މުހިއްމު އެއް ކަމަކީ ފާހާނާތެރެ އެކަށީގެންވާ ވަރަށް އަލި ކުރުމެވެ. އިރުގެ އަލި ލިބޭގޮތަށް ހުރިނަމަ ވަކިން ރަނގަޅުވާނެއެވެ. މީގެ އިތުރުން ބިތާއި ތަޅުމުގައި މަޑު ކުލަ ބޭނުން ކުރުމުން އަލި ރިފްލެކްޓް ވުން ބޮޑު ވާނެއެވެ. އެކަށީގެންވާ ވަރަށްވުރެ އަލި މަޑުނަމަ ނުވަތަ ބިތުގައި ގަދަ ކުލަ ބޭނުން ކޮށްފައިވާނަމަ ޖާގަ ކުޑަކަމަށް ފެންނާނެއެވެ. މީގެ އިތުރުން ޖާގަޔާ އެކަށީގެންނުވާ ތަކެތި ފާހާނާގައި ބެހެއްޓުމަކީ އިތުރަށް ތާށި ބޮޑުވާނެ ކަމެކެވެ. ތިރީގައި މި ހުށައަޅަނީ ކުޑަ ފާހާނާކޮޓަރިއެއްގެ ޖާގަ ތަނަވަސް ކުރުމަށް ކުރެވިދާނެ ބައެއް ކަންތަކެވެ.
ފާހާނައިގެ ތަޅުމާއި ބިތުގައި ވިހާވެސް އެއް ކުލައެއްގެ މުށި ޖަހާށެވެ. ކުލަ އެއްގޮތް ވީ ވަރަކަށް ޖާގަ ބޮޑުކަމަށް ދައްކާނެއެވެ. އަދި ހުދު ނުވަތަ މަޑު އަޅި ކުލަ ފަދަ އަލި ކުލަ ބޭނުން ކުރުން ރަނގަޅުވާނެއެވެ. ގަދަ ކުލަައިގެ މުށި ޖެހުމުން ތަނުގެ އަލި މަޑުވެ ޖާގަ ކުޑަކަމަށް ފެންނާނެއެވެ.
އެއްތަނުން އަނެއްތަނަށް ގެންދެވޭ ގޮތަށް ހުންނަ ބަހައްޓާ ހަރެއް ފާހާނާގައި ބޭނުން ކުރެވިދާނެއެވެ. މިފަ އެއްޗެއްގައި ގިނަ ހަރު ލާފައި ހުރުމުން ބެހެއްޓޭ އެއްޗެހި އިތުރުވާނެއެވެ. ބަހައްޓާ ހަރުގެ އެންމެ ފަސޭހަ ކަމަކީ ބޭނުންވެއްޖެ ނަމަ އެހެން ތާކަށް ބަދަލު ކޮށްލެވުމެވެ. ފާހާނާގެ ޖާގަ ތާށިވެއްޖެ ނަމަ، ވަގުތީގޮތުން ނިދާކޮޓަރިއަށް ބަދަލުކޮށްލަންވީ އެވެ.
ޝަވަރ ކްރީމާއި، ޝޭމްޕޫއާއި، ދަތް އުނގުޅާ ބޭހާއި ބުރުސް ފަދަ އެތައް އެއްޗެއް ފާހާނާ ތެރޭގައި ބަހައްޓަން ޖެހެއެވެ. މިކަމަށް އެކަށީގެންވާ ކަބަޑެއް ނުވަތަ ޝެލްފެއް ބޭނުންވާނެއެވެ. މިފަދަ ކަބަޑު ތަޅުމުގައި ބެހެއްޓުމުގެ ބަދަލުގައި ފާރުގައި ހަރުކޮށްފައި ބެހެއްޓުމުން ތަޅުމުގެ ޖާގައެއް ނުގެއްލޭނެއެވެ. ނަމަވެސް ކަބަޑު ހުންނަންވާނީ އުނދަގުލެއް ނެތި އެއްޗެހި ނެގޭހައި އުސްމިނެއްގައެވެ. ތަޅުމުން ފެށިގެން ފަސްފޫޓަކީ މިފަދަ ކަބަޑު ބަހައްޓަން އެކަށީގެންވާ އުސްމިނެކެވެ.
ތުވާއްޔާއި އަންނައުނު ފަދަ ތަކެތި އަޅުވާލެވޭ ގޮތަށް ހުންނަ ވޯލް ހޭންގިން ޔުނިޓް އެއް ހުރުމަކީ ވަރަށް ބޮޑަށް ޖާގަ ސަލާމަތްވާނެ ކަމެކެވެ. މިފަދަ އެއްޗެހި ދޮރުފަތުގައި ވެސް ހަރުކުރެވިދާނެ އެވެ.
ފާހާނާގައި ބޭނުންކުރާ ނުވަތަ ބަހައްޓާ ފަރުނީޗަރާއި ތައްޓާއި މޫނުދޮންނަ ތަށި ފަދަ އެއްޗެހި ގަންނަ އިރު ތަނުގެ ޖާގައާ ގުޅޭ އެއްޗެހި ގަތުމަށް ސަމާލުކަން ދޭށެވެ. ކަން ވަށްކޮށްފައި ހުންނަ ތަކެތި ހޯދުމަކީވެސް މުހިއްމު ކަމެކެވެ. މީގެ އިތުރުން ކޯނަރ ސިންކް ބޭނުންކުރުމުން ޖާގަ ސަލާމަތް ކުރެވޭނެއެވެ.
ޖާގަ ކުޑަ ތަނެއް ބޮޑު ތަނެއްގެ ގޮތުގައި ދެއްކުމަށް އެންމެ އާއްމުކޮށް ބޭނުންކުރަނީ ލޯގަނޑެވެ. މިއީ އިންޓީރިޔާ ޑިޒައިންގައި ބޭނުންކުރާ ޒަމާންވީ އުކުޅެކެވެ. ބިތުގައި ވީހާވެސް ބޮޑު ލޯގަނޑެއް ބަހައްޓާށެވެ. ލޯގަނޑުގެ ރިފްލެކްޝަނުގެ ޖާދޫއިން ތަނުގެ ޖާގަ ދެގުނަކޮށްލާނެއެވެ.