އަވަހަށް ފާހާނާއެއް ސާފުކޮށްލާނެ ގޮތްތައް


Sun, Apr 22, 2018 12:14 PM


ފާހާނާއަކީ ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ ތަނެކެވެ. އެހެންކަމުން ފާހާނާއަކީ ގޭގައި އެންމެ ސާފުކޮށް ބަހައްޓަންޖެހޭ އެއް ތަނެވެ. އާއިލާގެ މެންބަރުން ދުޅަހެޔޮ ސިއްހތެއްގައި ބޭތިއްބުމަށްޓަކައިވެސް، ފާހާނާ ސާފުތާހިރުކޮށް ދެމެހެއްޓުން މުހިއްމެވެ. ޑީޕު ކްލީން، ނުވަތަ ގަދަޔަށް ފާހާނާއެއް ސާފު ކުރުމަކީ ބުރަ ކަމެކެވެ. ނަމަވެސް ސާފުކަން ދެމެހެއްޓުމަށް ބުރަ ކަމެއް އިހުސާސް ނުކޮށް ފާހާނާއެއް އަވަހަށް ސާފުކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

 

ތިރީގައި މި ހުށަހަޅާލަނީ މާ ބޮޑު ބުރައެއް އިހުސާސްނުވެ، އަވަހަށް ފާހާނާއެއް ސާފުކޮށްލެވިދާނެ ގޮތްތަކެކެވެ.

ބޭނުންވާނެ ތަކެތި:

  • ފާހާނާ ސާފުކުރާ ބުރުސް
  • މައިކްރޯ ފައިބަރ ފޮތި
  • ޕޭޕަރ ޓަވަލް
  • ފެންޖަހާ ފުޅި
  • ވިނިގާ
  • މަލްޓި ޕާރޕަސް ކްލީނަރ، ފްލޯ ކްލީނަރ

ލޯގަނޑު، އިސްކުރު، ކައުންޓަރުމަތި، ސިންކު

ފެންޖަހާފުޅިއަކަށް ފެނާއި ވިނިގާ ފޮދެއް އަޅާށެވެ. އަދި ރަނގަޅަށް ފުޅި ތަޅުވާލުމަށްފަހު މައިކްރޯ ފައިބަރ ފޮތި ކޮޅަކުން ލޯގަނޑު، އިސްކުރު، ކައުންޓަރުމަތި އަދި ސިންކުމަތި ރަނގަޅަށް މި ސޮލިއުޝަން ބޭނުންކޮށްގެން އުނގުޅާލާށެވެ. ފެނާއި ވިނިގާއަކީ، ލޯގަނޑު އަދި އިސްކުރު ފަދަ އެއްޗެހީގައި ޖަހާ ހަޑި ވަރަށް ފަސޭހައިން ސާފުކޮށްލާނެ އެއްޗެކެވެ.  

ފާހާނާ ތަށި

އެންމެ ފުރަތަމަ ކަމަކަށް ބުލީޗު  ނުވަތަ ފާހާނާ ސާފުކުރަން ހާއްސަ ކްލީނަރެއް ފާހާނާ ތައްޓަށް އަޅާލާށެވެ. މަލްޓި ޕާރޕަސް ކްލީނަރެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. އަދި ސާފުކުރާ ބުރުހަކުން ފާހާނާތަށީގެ އެތެރެއާއި ވަށައިގެން ރަނގަޅަށް އުނގުޅާލާށެވެ. މިގޮތަށް އުނގުޅާލާފައި 10 ވަރަކަށް މިނިޓު ބަހައްޓާށެވެ. ދެން ރަނގަޅަށް ފެން ޖަހައި ސާފުކޮށްލާށެވެ.

ޝަވަރ ކާޓަން ދޮވުން

ޝަވަރ ކާޓަން ދޮވުމުގައި އެންމެ ފަސޭހަ ގޮތަކީ، ތުވާއްޔަކާއެކު ދޮންނަ މެޝިނުން ދޮވުމެވެ. މެޝިނު ތެރޭގައި ތުވާއްޔާއި ކާޓަން އުނގުޅި، ކާޓަންގައި ހުރި ހަޑި ފިލައިގެންދާން ފަސޭހަވާނެއެވެ.

 

 

ފާހާނާގެ ތަޅުންގަނޑު

ތަޅުންގަނޑަށް ހާއްސަ ކޮންސެންޓްރޭޓަޑް ފޮލޯ ކްލީނަރއަކުން ޝަވަރު އަދި ފާހާނާގެ މުޅި ތަޅުންގަނޑު ސާފުކޮށްލާށެވެ. ކައުންޓަރާއި ސިންކުވެސް ސާފުކޮށްލި ގޮތަށް ތަޅުންގަނޑުވެސް ސާފުކޮށް، މައިކްރޯ ފައިބަރ ފޮތިން ފެން ހިއްކާލުމުން ނިމުނީއެވެ. މީގެ އިތުރުން ވިނިގާ އަދި ފެނުގެ ސޮލިއުޝަން ތަޅުންގަނޑަށްވެސް ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުންވެސް، ކޮންމެ ދުވަހަކު ލޯގަނޑު އަދި ފާރުގައި ސައިބޯނި ނުވަތަ ޝަވަރ ޖެލް ޖެހޭ ތަންތަން ބާ ފޮތި ކޮޅަކުން ފެން އަދި ވިނިގާ ސޮލިއުޝަން އަކުން އުނގުޅާލުމުން ހަޑި ނުވެ ގިނަ ދުވަހު ހުންނާއެެވެ. މިއީ މާ ގިނަ ވަގުތު ނުގޮސް ރީތިކޮށް ތަން ހިފެހެއްޓޭނެ ގޮތެކެވެ.

Related Products

Read more of our articles