Sat, Jun 23, 2018 10:03 AM
ރޭގަނޑު ބަދިގެއަށް ވަދެ ބޮކި ދިއްލާލާއިރު ބަދިގޭގެ ކަބަޑުމަތީގައި ދުވެލަދުވެލައި ތިބޭ ކުރަފި ފެނުމަކީ ބިރުވެރި ހުވަފެނެއް ފެނުން ފަދަ ކަމެކެވެ. ސިއްސައިގެން ގޮސް ކުއްލިއަކަށް ބާރަށް ހަޅޭލަވައިގަނެވޭނެ އެވެ. ހީބިހިނަގައި ފިލަން ދުއްވައިގަނެވޭނެއެވެ. ކުރަފީގެ ސަބަބުން ޖެހޭ އުނދަގޫ މިހައިހިސާބުން އަދި ނިމުނީއެއް ނޫނެވެ. ކާތަކެތި ތަގައްޔަރު ކޮށް ނުރައްކާތެރި ބެކްޓީރިއާ ފަތުރައެވެ.
ކުރަފި ހުސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ފަސޭހަ ހައްލަކީ އިންސެކްޓިސައިޑް އެއް ބޭނުން ކުރުން ކަމުގައި ވިޔަސް އޭގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަނުން ގޭގައި އުޅޭ މީހުންނަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން އިންސެކްޓިސައިޑް ބޭނުންކުރުން ވީހައިވެސް މަދުކުރަން ވާނެއެވެ.
ކުރަފީގެ އުނދަގުލުން ސަލާމަތް ވުމަށް ކުރެވިދާނެއް ބައެއް ކަންތައްކަށް ބަލައިލަމާ ހިނގާށެވެ.
އިންސާނުންނެކޭ އެއްފަދައިން ކުރަފިވެސް ކާނާ ބޭނުންވާނެއެވެ. އެކަމަކު ކާނާގެ ވަރަށް ކުޑަ މިންވަރަކުން ކުރަފި ދިރިހުންނާނެއެވެ. ކާތަކެތީގެ ވެރިފައި ހުންނަ ކުނޑި އާއި އުނގުޅިފައި ހުންނަ ތަކެތި މިއީ އާއްމުގޮތެއްގައި މިސޮރުމެންގެ ޖާފަތެވެ.
ކުރަފި ނައްތާލަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ގޭތެރެ (ހާއްސަކޮށް ބަދިގެ) ރަނގަޅަށް ސާފުކުރާށެވެ. މޭޒުމައްޗާއި ތަޅުން މައްޗަށް އެޅިފައި ހުންނަ ކާތަކެތީގެ ކިތަންމެ ކުޑަމިންވަރެއްވެސް ފޮޅާ ސާފުކޮށް އުކާލާށެވެ. އަދި ކައިފައި ތަށިތައް ވަގުތުން ދޮންނާށެވެ. މީގެ އިތުރުން ކަބަޑުގައި ހުންނަ ކާއެއްޗެއްސަށް ކުރަތްޕަށް ނުވަދެވޭނެ ހެން ބަންދު ކުރާށެވެ. ކަރުދާސް ފޮށި ހަލާކުކޮށްލައިގެން ކުރަފި ވަންނާނެ ކަމަށް ވެސް ސަމާލުވާށެވެ.
ބަދިގެ ތެރޭގެ އެންމެ ކުދި ދޭތެރެތައްވެސް ސާފުކުރާށެވެ. ކަބަޑުތަކުގެ އެތެރެއާއި، ދޭތެރެތައްވެސް ސާފުކުރާށެވެ. އައިސްއަލަމާރި ފަހަތް ފަދަ އާއްމުކޮށް ސާފުނުކުރާ ތަނެއްގައި ކުރަފި ދިރިއުޅުމަށް ބޭނުންވާ ވަރަށް ކާނާ ޖަމާވެފައި ހުރެދާނެއެވެ.
ގަވައިދުން ސާފުކޮށްފައި ކޮންމެ ދުވަހަކު ކުނި އުކާލަން ވާނެއެވެ. އަދި ކުނި އަޅަން ބަދިގޭގައި ބަހައްޓާ ބާލިދީ ރަނގަޅަށް މަތި ޖަހަން ވާނެއެވެ.
ކާތަކެތި ބޭނުންވާ ފަދައިން ކުރަފި ފިލަން ނުވަތަ ރައްކާވެ ތިބޭނެ ތަނެއް ބޭނުން ވާނެއެވެ. ބަދިގޭގައި ކަބަޑުގެ ފަހަތް، ސިންކުގެ ދަށް، ކާޑޮބޯޑް ފޮށި، ބަރިޖަހާފައި ހުންނަ ކަރުދާސް ފަދަ ތަންތަނަކީ ކުރަފި ދިރިއުޅެން ވަރަށް ގަޔާވާ ތަންތަނެވެ. ފުރަތަމަ ކަމަކަށް މިތަންތަން ވެސް ރަނގަޅަށް ސާފުކުރާށެވެ. އަދި ބޭނުން ނުކުރާ ނޫސްކަރުދާހާއި، ކަރުދަސް ފޮށި ފަދަ ތަކެތި އުކާލާށެވެ. (އެންމެ ރަނގަޅު ގޮތަކީ ރީސައިކަލް ކުރުމެވެ).
މީގެ އިތުރުން ފާރުގައި ހުންނަ ރެނދާއި ލޯވަޅުތަކަކީ ކުރަފި ދިރިއުޅެން ބޭނުންކުރާ ތަންތަނެވެ. މިފަދަ ތަންތައް ހުރިނަމަ، ލަސްނުކޮށް ބައްދާށެވެ.
ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމަކީ ކުރަފި ނައްތާލުމުގެ އެނެމް މުހިއްމު މަސައްކަތެވެ. ހަމަ މިއާ އެކު ކުރަފި ބޭސް (cockroach bait) ބޭނުންކުރުމަކީ އަވަސް ހައްލެއް ލިބޭނެ ކަމެކެވެ. ބޭހަކީ އާއްމުކޮށް ބޭނުންކުރާ ސްޕްރޭގެ ބަދަލުގައި ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. ސްޕްރޭގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވައެވެ. ނަމަވެސް ބޭހުގައި އެކުލެވޭ މިފަދަ ނުރައްކާ ކުޑައެވެ.
އަމިއްލަ ގެއިން ކުރަފި ހުސްކުރިއަކަސް އަދި އެނިމުނީއެއް ނޫނެވެ. ވަށައިގެން ހުރި ގޭގެއިން ތިޔަ ގެއަށް ކުރަފި ހިޖުރަ ކުރާނެއެވެ. އަދި ކުރަތްޕަކީ ވަރަށް ހަނި ދޭތެރެތަކުން ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. ފާރުގައި ހުންނަ ކުޑަ ލޯވަޅަކުން، ނުވަތަ ދޮރުފަތުގެ ތިރިން ދެމިގަތުމަކީ ކުރަތްޕަކަށް ދާދި ފަސޭހަ ކަމެކެވެ.
ފާރުގައި މިފަދަ ލޯވަޅު ނުވަތަ ރެނދު ލާފައިވާނަމަ އެތަންތަން ބައްދާށެވެ. ދޮރުގެ އަރިމަތިން ނުވަތަ ތިރިން ވެސް ޖާގައެއް ނުހުންނާނެ ހެން ބަންދުކުރާށެވެ.
މީގެ އިތުރުން ގެއަށް ގެންނަ ތަކެއްޗާ އެކުވެސް ކުރަފި އަތުވެދާނެ ކަމަށް ވިސްނާށެވެ. ބާޒާރުން ގެންނަ ފޮށިގަނޑެއްގައި ނުވަތަ ގެއަކުން ގެންނަ ކުރިން ބޭނުންކޮށްފައި ހުރި ފަރުނީޗަރެއް ފަދަ އެއްޗެއްގައި ފިލާއޮވެދާނެއެވެ.
ކުރައްޕަށް ވަދެވޭނެ ދޮރުތައް ބަންދުކޮށް، ގޭތެރެ ސާފުކޮށް، ގެއަކީ ކުރަތްޕަށް ނޫޅެވޭ މާހައުލަކަށް ހެދުމުން ކުރަފީގެ އުނދަގުލުން ސަލާމަތް ވާނެއެވެ.