ބަދިގެ އިސްކުރު އިހްތިޔާރުކުރުން


Mon, Jun 4, 2018 9:43 AM


ބަދިގޭގައި ބޭނުން ކުރާ އިސްކުރުގެ ތަފާތު ވައްތަރުތަކާއި، ޑިޒައިން އަދި އެކި ފެންވަރުގެ އިސްކުރު ބާޒާރުގައި ހުރެއެވެ. މި ހުރިހައި ވައްތަރެއްގެ ތެރެއިން ތިމާގެ ގެއަށް އެންމެ ކަމުދާ ވައްތަރެއްގެ އިސްކުރު ހޯދުމަކީ ފަހަރެއްގައި އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންވީމާ ބަދިގޭ އިސްކުރެއް ގަތުމުގައި ވިސްނަންވީ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

ޑިޒައިން

އިސްކުރު ޑިޒައިންގެ ވައްތަރުތައް ގިނަކަމުން، ގަންނާނެ ޑިޒައިނެއް ހިޔާރު ކުރުމަށް އުނދަގޫ ވެދާނެއެވެ. ނަމަވެސް އިސްކުރެއް ގަތުމުގައި ބަލަންޖެހޭ ވަރަށް މުހިއްމު އެއް ކަމަކި އޭގެ ރީތި ކަމެވެ. ޑިޒައިން ގެ ރީތިކަމާ އެއްވަރަށް މުހިއްމު އަނެއް ކަމަކީ އޭގެ ކުލަ އެވެ. ބަދިގޭ ސިންކުގެ ކުލައާ، ނުވަތަ ބަދިގެ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މައިގަނޑު ކުލައާ ގުޅޭ ކުލައެއްގެ އިސްކުރެއް ގަންނާށެވެ.

އިސްކުރުގެ ފެންވަރު

ތަފާތު ކޮލިޓީގެ އިސްކުރު އުފައްދައެވެ. އެންމެ އާއްމު އަދި އެންމެ އަގުހެޔޮ ވައްތަކީ ޕްލާސްޓިކް އިސްކުރެވެ. މި އިސްކުރުން ލީކްވުމާއި އިތުރު މައްސަލަ ދިމާވުން އަވަސްވާނެއެވެ.

 

މެޓަލް އިސްކުރު ހަލާކު ނުވެ ގިނަ ދުވަހަށް ދެމި ހުރެއެވެ. އެކަމަކު ޕްލާސްޓިކަށް ވުރެ އަގު ބޮޑު ވާނެއެވެ. މެޓަލް އިސްކުރުގެ ތެރޭގައި ބްރާސް، ޒިންކް، ސްޓެއިންލެސް ސްޓީލް އިސްކުރު ހިމެނެއެވެ. ސްޓެއިންލެސް ސްޓީލް އިސްކުރަކީ އެންމެ އުމުރު ދިގު އަދި ފެންވަރު ރަނގަޅު އިސްކުރެވެ.

 

އިސްކުރުގެ ފެންވަރު ކަނޑައަޅާ އަނެއް ކަމަކީ އޭގެ ވޭލް އެވެ. އެންމެ އާންމު ވައްތަރަކީ ކޮމްޕްރެސަން ވޭލް އެވެ. މިއީ ކަނާއަތަށް އަދި ވާއަތަށް އަނބުރާ އިސްކުރެވެ. ފެން އެކީގައި ބަންދުވާނީ އަނބުރާ ބާރު ކޮށްލީމައެވެ. މި ވޭލް ލީކުވުން އަވަސްވާނެއެވެ.

 

ބައެއް ވައްތަރުގެ އިސްކުރުގެ ހެންޑްލް ދެފަރާތަށް އަދި މައްޗަށާއި ތިރިއަށް ޖެއްސޭނެއެވެ. މައްޗަށައި ތިރިއަށް ޖައްސައިގެން ފެން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ކަނާއަތަށާއި ވާއަތަށް ޖައްސައިގެން ޓެމްޕަރޭޗަރ ކޮންޓްރޯލް ކުރެވޭނެ އެވެ. މި އިސްކުރުގައި ބޭނުންކޮށްފައި ހުންނަނީ ކާޓްރިޖް ވޭލް ނުވަތަ ސެރަމިކް ޑިސްކް ވޭލެވެ. މި އިސްކުރު ނިސްބަތުން އަގު ބޮޑު ވާނެއެވެ. ނަމަވެސް އުމުރު ދިގުވާނެއެވެ.

ފަންކްޝަން

ތަފާތު ކޮލިޓީގެ އިސްކުރު ހުންނަ ފަދައިން އިސްކުރުގެ ތަފާތު ފަންކްޝަންވެސް ހުރެއެވެ. މިއީވެސް އިސްކުރު ގަންނައިރު ބަލައިލަން ޖެހޭ މުހިއްމު ކަމެކެވެ.

ސްޕްރޭ

ބައެއް ވައްތަރުގެ އިސްކުރުގައި ފެން ސްޕްރޭ ކުރެވޭ ފަންކްޝަން ހުރެއެވެ. މިއީ އެއްޗެހި ދޮންނަ އިރު ބޭނުންކުރަން ފަސޭހަ، އަދި ފެނުގެ ހަރަދު ކުޑަކޮށްދޭނެ ފަންކްޝަން އެކެވެ

ޓަޗް އިސްކުރު

ސެންސަރ އެއްގެ އެހީގައި ފެން ކޮންޓްރޯލް ކުރާ އިސްކުރު މިހާރު ހުރެއެވެ. މި އިސްކުރުގައި އަތް ޖައްސާލުމުން ފެން އަންނަން ފަށައެވެ. އަދި އަތް ޖައްސާލުމުން ފެން ބަންދުވެސް ކުރެވެއެވެ. އިސްކުރުގެ ވޭލް އަނބުރާކަށް ނުޖެހެއެވެ.

ދަމާލެވޭ އިސްކުރު

އިސްކުރުން މުޅި ސިންކަށް އެކީގައި ފެން ޖަހާނުލެވޭތީ އުނދަގޫ ވޭހެއްޔެވެ؟ މިކަމަށް ހައްލެއް ބޭނުންވާނަމަ، "ދަމާލެވޭ" އިސްކުރެއް ގަންނާށެވެ. އޭރުން މުޅި ސިންކަށް ފެންޖަހާލަން ފަސޭހަ ވާނެއެވެ. އަދި ތެއްޔަށް ފެންއަޅާލުން ވެސް ހަމަ އެހައި ފަސޭހަ ވާނެއެވެ.

އިސްކުރު ހަރުކުރާ ގޮތް

އެކި ގޮތްގޮތަށްހަރުކުރާ އިސްކުރު ހުރެއެވެ. އިސްކުރު ހަރުކުރަނީ ސިންކުގައިތޯ، ނުވަތަ ކައުންޓަރ މަތީގައިތޯ، ނުވަތަ ފާރުގައިތޯ؛ އިސްކުރު ގަތުމުގެ ކުރިން ކަނޑައަޅަން ޖެހޭނެއެވެ.

ސިންކުގައި ހަރުކުރާ އިސްކުރު

ބައެއް ސިންކުގައި އިސްކުރު ހަރުކުރުމަށް ތޮރުފާފައި ހުންނާނެއެވެ. މިފަދަ ސިންކުގައި ހަރުކުރުމަށް އިސްކުރު ގަންނަ އިރު ސިންކުގައި ލޯވަޅު ތޮރުފާފައި ހުރި އަދަދަށް ބަލައި، އެ ސިންކާ ގުޅޭ އިސްކުރެއް ގަންނަން ހަނދާން ކުރަން ވާނެއެވެ. ބައެއް ސިންކުގައި ހުންނާނީ އެއް ލޯވަޅެވެ. އަނެއް ބައި ސިންކުގައި 2، 3 ނުވަތަ 4 ލޯވަޅު ހުރެއެވެ. ގިނަ ލޯވަޅު ހުރި ސިންކެއްގައި 2 ހެންޑްލް އިސްކުރެއް، ސައިޑް ސްޕްރޭޔަރ އެއް އަދި ސޯޕް ޑިސްޕެންސަރ އެއް ހަރުކުރެވިދާނެއެވެ.

ފާރުގައި ހަރުކުރާ އިސްކުރު

ކައުންޓަރ ޓޮޕްގެ ޖާގަ ކުޑަ ނަމަ މިވައްތަރުގެ އިސްކުރު ބޭނުން ކުރެވިދާނެއެވެ.

ކައުންޓަރ ޓޮޕް ގައި ހަރުކުރާ އިސްކުރު

ކައުންޓަރ ޓޮޕްގައި ހަރުކުރާ (ޑެކް-މައުންޓެޑް) އިސްކުރު ހަރުކުރާ ނަމަ، އިސްކުރުގެ ފަހަތަށް ½ އިންޗި ވަރުގެ ޖާގައެއް ބަހައްޓަން ވާނެއެވެ. އެއީ ސާފުކުރުމަށް ފަސޭހައަކަށެވެ.

Read more of our articles