ފާހާނާ ލައިޓު ހަރުކުރުމުގައި ވިސްނަންވީ ކަންތައްތައް


Mon, May 14, 2018 10:45 AM


ގޭތެރޭގެ ކޮންމެ ތަނެއް ވެސް، ޒީނަތްތެރިކުރުމުގައި ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ އެވެ. ތަނުގެ ޖާގަ އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ހިފުމާއި، ތަނުގެ ރީތިކަމާއި، ހިތްފަސޭހަ ވުން ފަދަ އެތައް  ކަމެކެވެ.

 

ފާހާނާއެއް ޒީނަތްތެރި ކުރުމަށް ކުރެވިދާނެ ތަފާތު ކަންތައްތަކުގެ ތެރެއިން މިއަދު މި ބަލާލަނީ އަލި ނުވަތަ ދިއްލުން ބޭނުންކުރާނެ ގޮތުގެ މައްޗަށެވެ. ރަނގަޅަށް އަލި ހުރުމަކީ ފާހާނާގެ ފުރިހަމަކަން އިތުރުކޮށްދީ ޖާގަ ބޮޑުކަމަށް ދައްކައިދޭ ކަމެކެވެ. ރަނގަޅަށް އަލި ކުރުމަށްޓަކައި، ސީލިންގާއި، ފާރާއި ކަބަޑުފަދަ ތަކެތި ލައިޓް ކުރުމުގައި ވިސްނަންވީ ބައެއް މުހިއްމު ކަންތައްތައް ތިރީގައި ހުށަހަޅާލާނަމެވެ.

 

ކޮންމެ ފާހާނާއެއްގައިވެސް އެކަށީގެންވާ ވަރަށް އަލިހުންނަން ވާނެއެވެ. ގާޖަ ކުޑަ ފާހާނާއެއްނަމަ، ރަނގަޅަށް އަލި ބެހެއްޓުމުގެ މުހިއްމު ކަން ވަކިން ބޮޑެވެ. އަލި ފަނޑުވީ ވަރަކަށް ޖާގަ ކުޑަކަމަށް އިހުސާސް ކުރެވޭނެތީއެވެ. ބޮކި ނުވަތަ ހޮޅިބުރި ހަރުކުރާއިރު، މުޅި ފާހާނާ ތެރެއަށް އެއްވަރަށް އަލި ފެތުރޭނެހެން ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. ނަމަވެސް، ބޮޑަށް އަލި ކުރުމުގެ ބޭނުމުގައި 'ހިސާބަށްވުރެ' ގިނައިން ބޮކި ހަރުކުން ވެސް ރަގަޅެއް ނޫނެވެ.

ވެނިޓީ، ނުވަތަ ފާހާނާގެ ކަބަޑުގައި ހަރުކުރާ ލައިޓު

 

އާންމު ގޮތެއްގައި މިފަދަ ލައިޓް ހަރުކޮށްފައި ހުންނާނީ ލޯގަނޑުގެ ދެފަރާތުގައި ނުވަތަ ލޯގަނޑާ ދިމާ މަތީގައެވެ. ދެފަރާތުންމެ އެއްވަރަށް އަލިވާނެ ގޮތަށެވެ. މިފަދަ ލައިޓް ހަރުކުރާއިރު އެއް ފަރާތަކަށް މާ ބޮޑަށް އަލިވުމަކީ ލޮލަށް އުނދަގޫވެ އަދި ތަނުގެ ރީތިކަން ގެއްލޭނެ ކަމެކެވެ.

ސީލިންގުގައި ލައިޓް ހަރުކުރުން

 

ސީލިންގުގައި ލައިޓް ހަރުކުރުން ސީލިންގުގައި ހަރުކުރާ ލައިޓްއަކީ އާއްމުގޮތެއްގައި ފާހާނާއަށް އަލިކުރާނެ ލައިޓްތަކެވެ. މި ލައިޓް ހުންނަންވާނީ މުޅި ފާހާނާއަށް އެއްވަރަށް އަލިވާ ގޮތަށެވެ. އެއްދިމާއަކުން މާ ގަދައަށް އަލިވުމަކީ، ޖާގަ ކުޑަކަމަށް ދައްކާނެ ކަމެކެވެ. އަދި ލޮލަށް އުނދަގޫވާފަދަ ގަދަ ހިޔަނި އެޅޭނޭ ކަމެކެވެ.

އަލީގެ  ކުލަ

 

ލައިޓް ހަރު ކުރާއިރު އެންމެ ރަނގަޅީ ހުދު، މަޑު އައްޔެއް ހުންނަ ލައިޓް ބެހެއްޓުމެވެ.  ދުވާލުގެ ގުދުރަތީ އަލީގެ ކުލައާ ވިހައިވެސް ގާތް ކުރާ އައްޔެއް ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ. އޭރުން އެހެން މީހުންނަށް ތިމާ ފެންނަ ގޮތާ ވީހާވެސް ގާތްކުރާ ގޮތަކަށް ލޯގަނޑުން ތިމާ ފެނުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ނަމަވެސް ހިޔަނި އެޅޭފަދަ ގަދަ އަލި ހުރުމަކީ ލޮލަށް އުނދަގޫވާނެ އަދި ތަނުގެ ރީތިކަން ގެއްލޭނެ ކަމެކެވެ.

 

ލައިޓްގެ ކުލަ މިންކުރާ ވަޒަނަކީ ކެލްވިން އެވެ. ކެލްވިންގެ މިންވަރު މަތިވާ ވަރަކަށް އަލި ހުދުވާނެ އެވެ. ކެލްވިން ދަށްވާ ވަރަކަށް އަލި ރަތް ވާނެއެވެ. މި ވަޒަނުން ހުދު އަލިކަމުގައި ބަލަނީ 4000 ކެލްވިން އިން މަތީގެ އައްޔެވެ. 6500 ކެލްވިން އަކީ ދުވާލުގެ ގުދުރަތީ އަލި ހުންނަ މިންވަރެވެ. ފާހާނާގެ ލައިޓް މި ދެމެދުގައި ބެހެއްޓުމުން ރަނގަޅުވާނެ އެވެ.

Read more of our articles