ފާހާނާގައި ތާޒާކޮށް ވަސް ދަމަހައްޓާނެ ފަސޭހަ ގޮތްތަކެއް


Sun, Apr 15, 2018 11:53 AM


ފާހާނާ އަކީ ކޮންމެ ދުވަހަކު ބޭނުން ކުރަން ޖެހޭ ތަނެކެވެ. އާއްމު ގޮތެއްގައި ދުވަސް ފެށެނީ ފާހާނާއިންނެވެ. ހަމަ އެފަދައިން ދުވަހެއް ނިމި ނިދަން އޮށޯތުމުގެ ކުރިން ވަންނަން ޖެހޭ ތަނަކީ ވެސް ފާހާނާއެވެ. އެހެންވީމާ، ފާހާނާއަކީ ރީތީ އަދި ހިތްގައިމު ތަނަކަށް ހެދުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ތިރީގައި މި ހުށަހަޅާލަނީ ފާހާނާއެއް ތާޒާކޮށް ބަހައްޓާނެ ފަސޭހަ ގޮތްތަކެކެވެ. އަވަސް ހައްލަކަށް ގިނަ ބޭފުޅުންގެ ހައްލަކީ ވަރުގަދަ ކެމިކަލްތައް ހުންނަ އެއަރ ފްރެޝްނަރ ފަދަ އެއްޗެތިި ބޭނުންކުރުމެވެ. ނަމަވެސް މިއީ ވަގުތީ ހައްލެކެވެ. މި ކަމަކީ ވަރަށް ފަސޭހައިން، ގޭތެރޭގައި އާންމުކޮށް ގެންގުޅޭ ސާމާނުތައް ބޭނުންކޮށްގެން ހައްލުކުރެވިދާނެ ކަމެކެވެ.

ބޭކިން ސޯޑާ

ބޯތައްޓަކަށް ބޭކިން ސޯޑާކޮޅެއް އަޅާފައި ފާހާނާގައި ބެހެއްޓުމަކީ، އާންމުކޮށް އުފެދޭ ނުބައި ވަސް އޭގެން ކަނޑުވައިދޭނެ ކަމެކެވެ. މިގޮތަށް ބަހައްޓާކަމުގައި ވަނީނަމަ، ދޭތެރެ ދޭތެރެއިން ބޭކިން ސޯޑާކޮޅު އާ ކޮށްލަން ވާނެއެވެ. މީގެ އިތުރުން، ފާހާނާގެ ވަސް ތާޒާކޮށް ބެހެއްޓުމަށް ބޭނުން ކުރާނެ ސްޕްރޭ ސޮލިއުޝަނެއްވެސް ތައްޔާރުކުރެވިދާނެއެވެ. 2 ތަށި ފެނަށް ވިނިގާ ފޮދަކާއި މޭޒުމަތީ ސަމުސަލެއްގެ ބޭކިން ސޯޑާ އަދި ލެވެންޑާ ފަދަ އެސެންޝަލް އޮއިލްއެއް އަޅައި، ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ފެންޖަހާ ފުޅިއަކުން ފާހާނާއަށް ޖަހާލާށެވެ.

ލުނބޯ

ފާހާނާގައި ލުނބޯކޮޅެއް ކޮށާލައިފާ ބެހެއްޓުމަކީ މިފަދަ އަނެއް ހައްލެވެ. ލުނބޯއަކީ  އާންމުކޮށް އުފެދޭ ނުބައިވަސް ކަނޑުވާލަދޭން އެންމެ ރަނގަޅު ގުދުރަތީ އެއް ހައްލެވެ. މިގޮތަށް ބަހައްޓާކަމުގައި ވަނީނަމަ، ކޮންމެ ފަސް ދުވަހަކުން އާ ކޮށްލަން ވާނެއެވެ.

އެސެންޝަލް އޮއިލް

ލެވެންޑާ އަދި ލެމަން ގްރާސް ފަދަ ތެލަކީ ފާހާނާ ފަދަ ތަންތާ އުފެދޭ އެންމެ ނުބައި ވަސްވެސް ވަރަށް ފަސޭހައިން ކަނޑުވާލާނެ އެއްޗެކެވެ. ތެޔޮ އަންދާ ޑިފިއުޒަރެއް ހުރި ކަމުގައި ވަނީނަމަ، މިފަދަ އެއްޗެއް ބޭނުން ކުރުމުން ފާހާނާގައި ތާޒާކަން ދަމަހައްޓާނެއެވެ. ޑިފިއުޒަރެއް ނެތް ނަމަ، ކަފަ ކޮޅުތަކެއް އެސެންޝަލް އޮއިލްއަކުން ތެންމާލުމަށްފަހު ފާހާނާގައި ބަހައްޓާށެވެ. މިގޮތަށް ބަހައްޓާއިރުވެސް، ކޮންމެ ހަފްތާއަކު އެއް ފަހަރު ބަދަލު ކޮށްލަންވާނެއެވެ.

ހުވަނދު އުއްބައްތި (Scented Candle)

މީރުވަސް ދުއްވާ އުއްބައްތިއެއް ފާހާނާގައި ބެހެއްޓުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ އެތަކެއް ވައްތަރުގެ އުއްބައްތި ހުރެއެވެ. ފާހާނާ ބޭނުންކުރަން ފެށުމުގެ ބައި ގަޑިއިރެއްހާއިރު ކުރިން އުއްބައްތި ދިއްލާލާށެވެ. އުއްބައްތީގެ ވަހުން ފާހާނާގެ ވަސް ތާޒާކޮށްލާނެއެވެ.

Read more of our articles