Mon, Jul 9, 2018 4:48 AM
ގޭގެ ތަޅުން ތައްޔާރުކުރުމަށް ތަފާތު ވައްތަރުގެ ތަކެތި ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ސިމެންތި ނުވަތަ ކޮންކްރީޓާއި، ލަކުޑިގެ ތަފާތު ވައްތަރުކަތާއި، އެކި ވައްތަރުގެ ހިލަ ހިމެނެއެވެ. ތަރުފާލާއި ދޫލަވެސް ބޭނުން ކުރެއެވެ. ނަމަވެސް އެންމެ އާއްމުކޮށް ބޭނުންކުރަނީ މުއްޓެވެ.
މުއްޓަކީ ގޭގެ ހުރިހައި ތަނަކާވެސް ވަރަށް ގުޅޭ، ސާފުކޮށްލަން ފަސޭހަ އަދި އުމުރު ދިގު އެއްޗެކެވެ. ފާހާނާ އާއި ބަދިގެފަދަ ގިނައިން ފެނުގެ ބޭނުންކުރަންޖެހޭ އަދި އަވަސްއަވަހަށް ސާފުކުރަން ޖެހޭ ތަންތަނުގައި ބޭނުންކުރަން ވެސް އެންމެ ރަނގަޅުވާނީ މުއްޓެވެ.
ތަޅުމުގައި ޖަހާ މުށީގެ މައިގަނޑު ދެ ވައްތަރެއް ހުރެއެވެ. އެއީ ސެރަމިކް އަދި ޕޯސެލިން އެވެ. މި ދެ ވައްތަރުގެ މުށިވެސް ތަޅުމުގައި ޖެހުމަށް ވަރަށް އާއްމުކޮށް ބޭނުން ކުރެއެވެ. ފުރަތަމަ ފެންނައިރަށް މި ދެވައްތަރުގެ މުށީގެ ތަފާތު ފާހަގަ ކުރަން ނޭނގިދާނެއެވެ. މި ދެ މުށިވެސް ފެންނަން ހުންނަ ސިފަ ދާދި އެއްގޮތް ވާނެއެވެ. ސެރަމިކް ވެސް އަދި ޕޯސެލިން ވެސް އުފައްދަނީ ކްލޭއިން ހަދައި ހާއްސަ އުނދުނެއް (kiln) ގައި ގަދަޔަށް ހޫނުކޮށްގެން ނެވެ.
ނަމަވެސް މި ދެވައްތަރުގެ މުށީގެ ތަފާތާއި ބޭނުންކުރަންވީ ގޮތްތައް އޮޅުންފިލައިފާ ހުރުމަކީ އިމާރާތްކުރާ އަދި ފަރުމާކުރާ ހަމަ ކޮންމެހެން މީހަކަށްމެ މުހިއްމު ކަމެކެވެ. އިމާރާތުގައި ޖަހާނެ އެންމެ ރަނގަޅު މުށި ކަނޑައަޅަން އެނގޭނީ އޭރުން ނެވެ.
ސެރަމިކް އާއި ޕޯސެލިން ގެ އެންމެ މައިގަނޑު ތަފާތަކި އުފެއްދުމުގައި ގެންގުޅޭ މިންގަޑެވެ. ސެރަމިކް ވެސް ޕޯސެލިންވެސް އުފައްދަނީ ކްލޭއިން ނެވެ. އަދި ހާއްސަ އުނދުނެއްގައި ހޫނުކޮށްގެންނެވެ. އެކަމަކު ޕޯސެލިން އުފައްދަން ބޭނުންކުރަނީ މާބޮޑަށް ފުރާނާއި ސާފުކޮށްފައި ހުންނަ ކްލޭއެވެ. އަދި ސެރަމިކަށްވުރެ މާ ގަދަ ހޫނުގައި އަންދައެވެ. އެހެންކަމުން ޕޯސެލިން ސެރަމިކަށް ވުރެ ހަރުވާނެ އެވެ. ވަރުގަދަ ވާނެއެވެ.
ސެރަމިކް އަކީ ވެސް ހަރު މުއްޓެކެވެ. އަދި ސާފުކުރަން ފަސޭހަ މުއްޓެކެވެ. ފެންފޮތި ލައިގެން މާބޮޑު އުނދަގޫކަމެއް ނެތި ސާފުކޮށްލެވޭނެއެވެ. އަދި ތަޅުން ސާފުކުރާ ލިކުއިޑެއް ބޭނުންކޮށްލަނިކޮށް ސާފުކުރަން ވަކިން ފަސޭހަވާނެއެވެ. ސާފުކުރަން އުނދަގޫ ވާނީ މުށިތަކުގެ ދޭތެރެތަކެވެ. މި ދޭތެރެތައް ރަނގަޅަށް ސާފުކޮށް، ރީތިކޮށް ނުބެދޭ ތަނެއް ހުރިނަމަ އަލުން ސިމެންތި އަޅައި ބައްދަން ވާނެއެވެ. ސެރަމިކް އަކީ ފެން ފެން ނުވަންނަ މުއްޓެއްކަމުގައި ވިޔަސް، މުށިތަކުގެ ދޭތެރެތައް ރަނގަޅަށް ނުބައްދާނަމަ މުށިގަނޑު މައްޗަށް އޮހޭ ފެން ފޭދިގެން ދާނެއެވެ.
ސެރަމިކް އުފައްދާއިރު އޭގައި ތަފާތު ކުލަ ޖައްސައި އެކި ވައްތަރުގެ ކުރެހުން އަޅާފައި ހުރެއެވެ. ކުލައާއި ޑިޒައިންގެ ރޭހުގައި ސެރަމިކް އުޅެނީ މާކުރީގައެވެ. ގޭގެ ތަޅުމަށް ކުލައިގެ މުއްސަނދިކަން ގެންނަން ބޭނުންނަމަ ސެރަމިކް އިހްތިޔާރުކުރާށެވެ.
މީގެ އިތުރުން ޕޯސެލިން އާ އަޅާ ބާލާއިރު ސެރަމިކް ލުއި ވެފައި މަޑުވާނެއެވެ. މުށިގަނޑު ކަފާލަން ފަސޭހަވެއެވެ. އެހެންކަމުން މުށިޖެހުމުގެ މަސައްކަތް ލުއިވެފައި ފަސޭހަވާނެއެވެ. އަދި އެންމެ މުހިއްމު ކަމަކީ މި މުށީގެ އަގު ހެޔޮކަމެވެ.
ޕޯސެލިން އަކީ ވަރަށް ހަރު މުއްޓެކެވެ. އަދި ވަރުގަދަ މުއްޓެކެވެ. އެހެންކަމުން ކޫރުން އެޅުމާއި ދުވަސްވެގެން ކަންފަތިވުން ވަރަށް ކުޑައެވެ. އަދި މިއީ ހަލާކުނުވެ ގިނަދުވަހު ހުންނަ މުއްޓެކެވެ. ފެނެއް ނުވަންނާނެއެވެ. ހިރަފުހާއި ކިލާ ފިލުވާލަން ފަސޭހަ ވާނެއެވެ. ފެން ލައިގެން ދޮވެލަނިކޮށް ރީތިކޮށް ސާފުވާނެއެވެ. ނަމަވެސް މުށިތަކުގެ ދޭތެރެތައް ވަކިން ސާފުކޮށްލަން ވާނެއެވެ.
މި މުށީގެ ވަރުގަދަކަމާއެކު ދިމާވާ އުނދަގޫ ކަމެއްވެސް އޮވެއެވެ. އެއީ މުށީގެ ބަރުކަމާއި، ހަރުކަމާއި، މުރަނަކަމުން ކަފަން އުނދަގޫ ވުމެވެ. އެހެންކަމުން މުށިޖެހުމުގެ މަސައްކަށް ހޭދަވާ ވަގުތާއި، ހަކަތައާއި އަގުވެސް ބޮޑުވާނެއެވެ.
ސެރަމިކް އާ އަޅާބަލާއިރު ޕޯސެލިން އުފައްދަން ކުރާ މަސައްކަތް ބޮޑެވެ. އެހެންކަމުން މި މުށީ އަގުވެސް ބޮޑުވާނެއެވެ. އެހެންނަމަވެސް މުށި ގަންނަން އެއްފަހަރާ ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގައި ވިޔަސް، އަވަސްއަވަހަށް މަރާމާތު ކުރަން ނުޖެހުމަކީ ލިބޭ ފަސޭހައެކެވެ.