Sun, Apr 29, 2018 12:52 PM
ތަނުގެ ޖާގައާއި ކުރާ ބޭނުންތަކަށް ބަލައިގެން ގެއެއް ޑެކަރޭޓްކުރުން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ހަމަ އެފަދައިން ފާހާނާ ޑެކަރޭޓްކުރުމަކީ ވެސް ކުޑަ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓީރިއާ ޑިޒައިން (ގޭތެރޭ ފަރުމާ) ގެ އާއްމު ހަމަތައް ސިކުނޑީގައި ބަހައްޓައިގެން އަދި އާއްމުކޮށް ފާހާނާ ޑެކަރޭޓްކޮށްފައި ހުންނަ ގޮތްތަކަށް ބަލައިގެން މަސައްކަތް ފަށައިފިނަމަ، ވަރަށް ބޮޑު ލުއިކަމެއް ލިބޭނެއެވެ. އަހަރެންގެ ލަފައަކީ ވީހައިވެސް އަމިއްލަ ގޮތެއް ބޭނުން ކުރުމެވެ. ހަމަ އެއާ އެކު ތަނުގެ ޖާގަ އޮތް މިންވަރަށް ވިސްނުން ބަހައްޓަން ވާނެ އެވެ. އަދި މުޅިގެ ޑެކަރޭޓް ކުރުމުގައި ބޭނުންކުރި ސްޓައިލްގެ ހަތަރު ފާރުން ބޭރުނުވާ ސްޓައިލެއްގައި ހިފަހައްޓަން ވާނެއެވެ.
ޑެކަރޭޓް ކުރުމަށް ވިސްނާއިރު ފާހާނާއެއްގެ ތެރޭގައި އެތައް ސާމާނެއް ހުންނަ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އިސްކުރާއި، ލޯގަނޑާއި، މޫނުދޮންނަ ތައްޓާއި، ކަބަޑާއި، ޝަވަރު އަދި ބާތުޓަބް ފަދަ ސާމާނެވެ. މި ތަކެތީގެ ވައްތަރާއި ކުލައާއި ފާޑު މިއީ ޑެކަރޭޝަން ގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ. މީގެ އިތުރުން ފާރާއި ތަޅުމުގެ ކުލައަކީ ވެސް އިސްކަން ދޭން ޖެހޭ ކަމެކެވެ.
މުހިއްމު އަނެއް ކަމަކީ ޑެކަރޭޝަން ހަދަން ގަސްދުކުރަނީ މިޒަމާނުގެ ފާޑަށް ތޯ ނުވަތަ އިހުގެ ވައްޓަފާޅިއައްތޯ ކަނޑައެޅުމެވެ.
ތިރީގައި މި ހުށަހަޅާލަނީ، ރީތިކޮށް ޑިޒައިންކޮށްފައިވާ ބައެއް ފާހާނާތަކުގެ މިސާލުތަކެކެވެ. އަދި ރީތިކޮށް ފާހާނާއެއް ހަދާލުމަށް ރަނގަޅު ހިޔާލުތަކެއް ލިބިދޭނެ ބައެއް ފޮޓޯތަކެވެ.
ޖާގަ ވަރަށް ކުޑަ ކަމުގައި ވަނީނަމަ، ފެންވަރު ވަރަށް ރަނގަޅު ތަކެތި ބޭނުންކުރުމުން، ކިތަންމެ ކުޑަ ކަމުގައި ވަނީ ނަމަވެސް، ހިތްހަމަ ޖެހުން އަންނާނެއެވެ. އަދި ރީތިވާނެއެވެ. ލަކުޑި އަދި ސްޓޯން ފަދަ ތަކެތިން ފާހާނާ ޑިޒައިން ކުރުމުން ރީތިކަން އިތުރުވެގެން ދާނެއެވެ.
ތަނެއް އަނދިރިވާ ވަރަކަށް ކުޑަކަމަށް ދައްކާނެއެވެ. އަލިވާ ވަރަކަށް ބޮޑުކަމަށް ދައްކާނެއެވެ. މިއީ ވަރަށް އާދައިގެ ވިސްނުމެއްގައި ރީތިކޮށް ޖާގަ ބޮޑުކޮށްލެވިދާނެ ކަމެކެވެ.
ކުޑަ ފާހާނާއެއްގައި ހުސްކޮށް ހުންނަ ކޮންމެ އިންޗިއެއްގެވެސް ބޭނުން ހިފަން ވާނެއެވެ. ކަބަޑު ނުވަތަ ސްޓޯރޭޖްއަކީ ކޮންމެ ފާހާނާއެއްގައިވެސް ހުރުން ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން، ފާރުތަކުގައި ހުސްކޮށް ހުންނަ ޖާގައިގެ ބޭނުން ހިފާށެވެ.
ބިންމަތީގައާއި ފާރުތަކުގައި މުށި ޖަހާއިރު އެއްވައްތަރެއްގެ، އަދި އެއް ކުލައެއްގެ މުށި ޖެހުމުން، ޖާގަ ބޮޑުކަމަށް ދައްކާނެއެވެ. ތަނެއްގެ ޖާގަ ބޮޑުކަމަށް ދައްކާވަރަކަށް، ފާހާނާއަށް ވަނުމުން އަންނަ ހިތްހަމަ ޖެހުން އިތުރު ވާނެއެވެ.
ޝަވަރުގައި ހުންނަ ދޮރަކީ، ބިއްލޫރި އަދި ކަހާ ދޮރެއް ނަމަ ޖާގަ ކުޑަ ފާހާނާ އިތުރަށް ބޮޑު ކަމަށް ދައްކާނެއެވެ. މިނޫން ގޮތަށް ހުންނަ ނަމަ ކުދި ޖާގަތައް އަދި އިތުރަށް ކުޑަކަމަށް ދައްކާ، ހާސްކަން ބޮޑުވާނެއެވެ.