Tue, Jun 12, 2018 9:34 AM
ބަދިގެއަކީ ހާއްސަ މަސައްކަތްތަކެއް ކުރާ ތަނެކެވެ. ކެއްކުމާއި ސާފުކުރުމުގެ ބުރަ މަސައްކަތެވެ. މިއީ އާއިލީ ކެއުމަކަށް ނުވަތަ ޕާޓީއަކަށް ތައްޔާރުކުރާނަމަ ދުވަހުގެ ގިނަ ވަގުތު ހޭދަކުރަން ޖެހޭ ތަނެކެވެ. އެހެންކަމުން މިތަނުގެ ފްލޯރިން (ތަޅުން) ތައްޔަރުކުރުމުގައި އެތައް ކަމަކަށް ވިސްނަން ޖެހެއެވެ.
ބަދިގޭގެ ތަޅުން ތައްޔާރުކުރުމުގައި ތަފާތު މެޓީރިއަލް ބޭނުން ކުރެއެވެ. ކޮންކްރީޓާއި، ތަފާތު ވައްތަރުގެ ހިލަ އާއި، މުށި އަދި ޕޯސެލިން އެވެ. މީގެ އިތުރުން ވެސް ލަކުޑީގެ އެކި ބާވަތްތަކާއި، ކާޕެޓާއި، ވައިނެލް ޝީޓް ވެސް ބޭނުން ކުރެއެވެ. މި ކޮންމެ މެޓީރިއަލެއްގެ ވެސް ތަފާތު ކުލައާއި ސްޓައިލް ތައްޔާރުކޮށްފައި ހުރެއެވެ.
އެކި މީހުންނަށް ކަމުދާނީ އެކި ވައްތަރުގެ މެޓީރިއަލް އެވެ. އެމީހާކު ބަދިގެ ޑިޒައިން ކުރަން ބޭނުންވާ ސްޓައިލަކާ ގުޅޭ މެޓީރިއަލް، ޓެކްސްޗަރ އަދި ކުލައެވެ. އެކަމަކު ކޮންމެ ވައްތަރެއްގެ މެޓީރިއަލް އެއް ހިޔާރުކުރިއަސް ބަދިގޭގެ ތަޅުން ތައްޔާރުކުރުމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ވެއެވެ.
ބަދިގެއަކީ ވަރަށް ގިނައިން ފެން ގެންގުޅޭ ތަނެކެވެ. އަދި ވަރަށް ގިނައިން ސާފުކުރަންވެސް ޖެހޭ ތަނެކެވެ. އެހެންކަމުން ތަޅުމުގައި ބޭނުން ކުރަން ވާނީ ސާފުކުރަން ފަސޭހަ މެޓީރިއަލް އެކެވެ. ކާއެއްޗެހި އެޅިގެން ޖެހޭ ކުލަ ފިލުވާލަން އުނދަގޫ ވެގެން ނުވާނެއެވެ. ހަމައެހެންމެ ތަޅުމަކީ ފެން ވަންނަ ނުވަތަ ފެން ޖެހިގެން ހަލާކުވާ އެއްޗަކަށް ވެގެން ނުވާނެއެވެ.
ބަދިގޭގެ މަސައްކަތުގައި ކޮޅަށް ހުންނަށް ޖެހޭ ވަގުތު ވަރަށް ގިނައެވެ. ހަރު ތަޅުމެއްގައި ގިނަ އިރު ކޮޅަށް ހުރުމުން ފައިތިލައިގެ ދަށއްފުށަށް ތަދު އިހުސާސް ކުރެވޭނެއެވެ. މަޑު ނުވަތަ އޮބޭ ގޮތް ހުންނަ މެޓީރިއަލް އެއް ބޭނުން ކޮށްގެން ތަޅުން ތައްޔާރު ކުރުމުން، ކޮޅަށް ހުންނައިރު ދަށްފަޔަށް ލިބޭ އުނދަގޫ ކުޑަވެ، ފަސޭހަކަން އިހްސާސް ކުރެވޭނެއެވެ.
ބަދިގެއަކީ ހުރިހައި އުމުރެއްގެ މީހުން ވަދެ ނުކުމެވާ، އަދި ބޭނުންހިފާ ތަނެކެވެ. ކުޑަކުދިން ކުޅެ، ދުވެ ހަދާ ތަނެކެވެ. ފެން އެޅި ތެމިފައިވާ ތަޅުމުގައި ފަސޭހައިން ކައްސާލާނެއެވެ. އެހެންކަމުން ގޭގައި އުޅޭ އެންމެންގެ ރައްކާތެރިކަމަށް ވިސްނައި، ފަސޭހައިން ކައްސާނުލާނެ ފަދަ އެއްޗަކުން ތަޅުން ތައްޔާރުކުރުމަކީ މުހިއްމު ކަމެކެވެ.
ތަޅުމުގައި ބޭނުންކުރާ ތަފާތު މެޓީރިއަލްގެ އަގު ތަފާތެވެ. މެޓީރިއަލް ބޭނުންކުރެވޭ މުއްދަތާއި، ޓެކްސްޗަރ އާއި ސްޓައިލްގެ ތަފާތަށް ބަލައި އެ މެޓީރިއަލްގެ އަގަށް ބަދަލު އާދެއެވެ. އެހެންކަމުން ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސޭ އަގެއްގެ މެޓީރިއަލްއެއް ގަންނާށެވެ. މެޓީރިއަލްގެ އަގުގެ އިތުރުން މި ތަކެތި ގެނައުމަށާއި، ފްލޯރިންގެ މަސައްކަތުގެ އަގަށް އިތުރަށް ހަރަދު ކުރަން ޖެހޭނެއެވެ. އަދި މަރާމާތު ކުރާ ބަދިގެއެއް ނަމަ، ތަޅުމުގައި ބޭނުންކޮށްފައިވާ މެޓީރިއަލް ނަގައި އުކާލުމަށް ވެސް ހަރަދު ކުރަން ޖެހޭނެއެވެ.
ބަދިގޭގެ މަސައްކަތުގެ ބާވަތުން، ބަދިގެ ތަޅުން ގިނައިން ސާފުކުރަން ޖެހެއެވެ. ތަޅުމުގައި ބޭނުންކުރާ ބައެއްކަހަލަ މެޓީރިއަލް ގިނައިން ސާފުކުރުމުން ކުލަ ފިލާނެއެވެ. އެހެންކަމުން ފަސޭހައިން ކުލަ ނުފިލާ އަދި ހަލާކުނުވެ ގިނަދުވަހު ބޭނުންކުރެވޭ މެޓީރިއަލެއް ހިޔަރުކުރުމަށް އިސްކަންދޭންވާނެއެވެ. މީގެއިތުރުން ތޫނު ވަޅިއާއި ތަށި ފަދަ ތަކެތި ވެއްޓި ތަޅުމުގައި ކޫރުން އެޅިދާނެ ކަން ވެސް ހިޔާލުގައި ބަހައްޓަން ވާނެއެވެ. އެހެންވީމާ ތަޅުމުގައި ބޭނުންކުރަން ވާނީ ފަސޭހައި ކޫރުން ނޭޅޭ ފަދަ މެޓީރިއަލް އެކެވެ.