Tue, Aug 14, 2018 9:01 AM
ވައިނެލް (vinyl) އަކީ ޕްލާސްޓިކެވެ. މީގެ ޝީޓާއި، ޓައިލް އަދި ޕްލޭންކް ހުރެއެވެ. މިއީ ތަޅުމުގައި ޖަހަން ވަރަށް އާއްމުކޮށް ބޭނުންކުރާ މެޓީރިއަލް އެކެވެ. ގޭތެރޭގެ ކޮންމެ ތަނެއްގައި ވެސް ޖަހާލަން ރަނގަޅުވާނެއެވެ. ބަދިގެ އާއި ފާހާނާ ފަދަ ތަންތަނަށް ވެސް ކަމުދާނެއެވެ.
މިއީ މުއްޓަށް ވުރެ އަގު ހެޔޮ އަދި ޖެހުމުގެ މަސައްކަތް ލުއި އެއްޗަކަށް ވާތީ ގިނަ މީހުންގެ މެދުގައި ވައިނެލް އަށް އޮންނަ ތާއިދު ބޮޑެވެ. ވައިނެލް ބޭނުންކުރެވޭ މުއްދަތު ދިގެވެ. ނަމަވެސް މުށި (ސެރަމިކާއި ޕޯސެލިން) ހާ އުމުރުދިގެއް ނޫނެވެ. ބަދަލުވާ ފެޝަނާ އެކު ތަނުގެ ފަރުމާަ އާއި ސިފަ ބަދަލުކޮށްލަން ވިސްނުން ގެންގުޅޭ ނަމަ ވައިނެލް އިހްތިޔާރުކުރާށެވެ. ސަބަބަކީ މީގެ އަގު ހެޔޮ ވުމާއި، ރީތި ވުމާއި، ހައްދެއް ނެތްހައި ތަފާތު ޑިޒައިން ލިބެން ހުރުމެވެ. މީގެ އިތުރުން ތަޅުމުގައި ޖެހުމާއި ނެއްޓުމުގެ މަސައްކަތް ހަމަ ކޮންމެ މީހަކަށް ވެސް ދާދި ފަސޭހައިން ކޮށްލެވޭނެ އެވެ. މުށިގަނޑެއް ކަފާލަން ވަކި ހާއްސަ އާލަތެއް ބޭނުން ވާނެއެވެ. އެކަމަކު ބަދިގޭގައި ގެންގުޅޭ އާދައިގެ ވަޅިއަކުން ވެސް ވައިނެލް ކަފާލެވޭނެއެވެ.
ވައިނެލް ގެ ތަފާތު ޑިޒައިން ހުރެއެވެ. އާއްމުކޮށް ތަޅުމުގައި ބޭނުންކުރާ ހުރިހައި ބާވަތެއްގެ މެޓީރިއަލްގެ ސިފަ ވައިނެލް ގައި ބޭނުންކޮށްފައި ހުރެއެވެ. އަދި ވައިނެލް އުފެއްދުމަށް މިހާރު ގެނެވިފައިވާ ތަރައްގީއާ އެކު، އަސްލު މެޓީރިއަލް އާ ވައިނެލް އާ ބަލާބެލުމަށް ފާހަގަކުރަން ނޭނގޭހައި އެއްގޮތެވެ. ލަކުޑި އާއި ހިލަ އަދި އާއްމުކޮށް ބޭނުންކުރާ މުށީގެ ޑިޒައިންތަކަށް ވައިނެލް ތައްޔާރުކޮށްފައި ހުރެއެވެ.
މިއީ ތެރަސް ލައިގެން ތަޅުމުގައި ޖަހާ އެއްޗަކަށް ވާތީ، ވައިނެލް ތަޅުމުގައި ޖެހުމުގެ ކުރިން ލެވެލް ކޮށް އެއްވަރު ކުރަން ވާނެއެވެ. އާއްމުގޮތެއްގައި ވައިނެލް ޖަހަނީ ތަޅުމުގެ މަތީގައި ޕްލައިވުޑް ޖަހައި، އޭގެ މަތިންނެވެ.
ވައިނެލް ޝީޓް އާއްމުކޮށް ހުންނަނީ 6 ފޫޓު ނުވަތަ 12 ފޫޓުގެ ރޯލުގެ ގޮތުގައެވެ. ތަފާތު ކުލައިގެ އަދި ޑިޒައިންގެ ރޯލު ލިބެން ހުރެއެވެ. މިއީ ކޮންމެވެސް ވަރަކަށް މަޑު ނުވަތަ އޮބޭ އެއްޗެކެވެ. މީގެ އެންމެ ހިތްގައިމު ކަމަކީ ތަޅުމުގައި ޖަހާ އިރު ފައްތަރު ފާހަގަ ނުކުރެވޭ ކަމެވެ. ޝީޓް ވައިނެލް ތަޅުމުގައި އަޅާ އިރު ފައްތަރު ކުރަން ޖެހިއްޖެ ނަމަ، ފައްތަރު ވެލްޑް ކުރަނީ އެވެ. ވެލްޑް ކުރުމުން ދެ ޝީޓް އެއްކޮށްލެވުނީ އެވެ. އަދި އެ ފައްތަރުން ފެން ލީކެއް ނުވާނެއެވެ.
މިއީ އާއްމުގޮތެއްގައި ލަކުޑީގެ ސިފައަށް ތައްޔާރުކޮށްފައި ހުންނަ ވައިނެލް އެވެ. އާއްމުކޮށް ތަޅުމުގައި ޖަހާ ލަކުޑި ހުންނަ މިންތަކަށް އަދި ތަފާތު ލަކުޑީގެ ކުރެހުމާއި ޓެކްސްޗަރ އެކުލެވޭގޮތަށް ވައިނެލް ތައްޔާރުކޮށްފައި ހުރެއެވެ. ތަޅުމުގައި ޖަހާފައި ހުންނައިރު އަސްލު ލަކުޑިއާ ހަމަ ދާދި އެއްގޮތް ވާނެއެވެ.
މިއީ އާއްމުކޮށް ގެންގުޅޭ މުށީގެ ސިފަޔާއި މިނަށް ތައްޔާރުކޮށްފައި ހުންނަ ވައިނެލް އެވެ. މީގެ އިތުރުން ތަފާތު ހިލައިގެ ސިފަ ހުންނަ ވައިނެލް ވެސް ހުރެއެވެ. ތަޅުމުގައި ޖަހާފައި ހުންނައިރު ހީވާނީ އަސްލު މުށި ނުވަތަ އަސްލު ހިލަ ބޭނުންކޮށްފައި ހުންނަހެންނެވެ. އެހައިވެސް އެއްގޮތް ވާނެއެވެ.